ހިތް އަދު ރޮނީއޭ ނުދާށޭ – 9 ވަނަ ބައި –
“އެހެންވީމަ ދޮންތިއަށް ހަމަ ހީވީ ރަނގަޅަށް. އޭރުވެސް ދޮންތި ބުނަމުންއައި އެއްޗެހި ހަނދާންކޮށްބަލަ!…އިފް ޔޫ ލަވް ސަމްވަން، ވެއިޓް އެން ވެއިޓް ޓިލް ހީ ސީކްސް ޔޯ ލަވް…..ބިލީވް މީ، މައި ލިޓްލް އެންޖަލް… ވަން ޑޭ، ޔޫލް ބީ ދި މޮސްޓް ހެޕިއެސްޓް ސިސްޓަރ އެވަރ…” ލައިޝާ ދިޔައީ އަދިވެސް ހިތްވަރު ކުރުމަށް ލަޔާއަށް ނަޞެޙަތްތެރި ވަމުންނެވެ.ކަމެއް ޙާޞިލުނުވިއޭ ބުނެ ފަހަތަށް ނުދުވެ، ކުރިއަށް ބެލުމަށެވެ. ދިރިއުޅުން އުޖާލާކޮށް ދުނިޔޭގައި އުޅެންވީގޮތަށް އުޅުމަށެވެ.
އެރޭ، ފަޒާލް އޮންލައިންވީ ލަޔާގެ މެސެޖެއް އޭނާގެ ފޯނަށް ލިބިގެންނެވެ. ދަތުރު ގޮސްގެން ސަކަރާތުގައި އެންމެން އުޅުނުއިރު، ފޯން މަތިންވެސް އޭނާ ހުރީ ހަނދާންނެތިފައެވެ. ވާނީވެސް އެހެންތާއެވެ! އެތައް ދުވަހަކަށްފަހު ޝަހުމްގެ އުޅުމަށްއައި ރަނގަޅު ބަދަލެއްގެ ނަތިޖާއަކަށްވީ، މިދަތުރުގައި ލަންކާގައި އުޅެމުންދާ އެ ޢާއިލާގެ ހުރިހާ މެމްބަރުން ބައިވެރިވުމެވެ.
ގެއަށް އައިސް ފެންވަރާލައިގެން އެނދުމަތީ ޖައްސާލިތަނުން ހެޑްބޯރޑް މަތީގައި އޮތް އޭނާގެ ފޯން ފަޒާލްއަށް ފެނުނީ އެވަގުތުއެވެ. ލިބުނު ސަޕްރައިޒާއިއެކު ފުންމައިގެން ތެދުވެ ލެޕްޓޮޕް ހުޅުވައި އެފް ބީ އަށް ވަނީ އޭރުވެސް ލަޔާ އޭނާގެ އިންތިޒާރުގައި އިން ކަމަށްބުނެ އައި މެސެޖަކުންނެވެ. އޭރު ލަޔާ އޮންލައިންގައި އިންނަތާ ދެ ގަޑިއިރުވަނީއެވެ. ލަޔާ އެހެން އިންދައި މީހަކު “ހައި” އަޅައިލިތަނުން އާ ފުރިލާފައި ފޫހި ގޮތަކަށް “ހައި” އަޅައިލިއެވެ. އަދި އެމީހަކު އޭނާގެ ޙާލު އޮޅުން ފިލިވުމުން ރަނގަޅު ކަމުގައި ލިޔެލައިލިއެވެ. ދެންވެސް މާ ބޮޑު ޝައުޤެއްނެތި “ހައުޒް ޔޫ” އޭ ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ “މިސްޑް ޔު ސިސީ” އޭ ޖަހާފައި އިން ތަނެވެ.
ލަޔާލްގެ ދެލޯ ތަން މިނަށް ހުޅުވިގެން ދިޔައީ އެމީހަކީ ފަޒާލްއަށް ވުމުންނެވެ. އެހިސާބުން ފެށިގެން އޭނާގެ އަތުގެ އިނގިލިތަކުން ވަރުބަލިކަމެއްނެތި އޭނާގެ ހިތުގެ ޙާލު ފަޒާލްއަށް ކިޔައިދެމުން ދިޔައެވެ. ބައެއް ފަހަރު ރޮވެންވެސް ރޮވެއެވެ. ފަޒާލްވެސް ޝަހުމްގެ ކަންތަކުގައި އެމީހުން ގޮތްހުސްވެފައިވާ ވަރު ލަޔާއަށް ކިޔައިދިނެވެ. އަދި އެެންމެފަހުން ފަޒާލް އެދުނީ ކޮންމެވެސް ގޮތަކުން ލަޔާ ޝަހުމްއާއި ގާތްކަންބާއްވަން ފެށުމެވެ. އެއީ އޭނާ އެންމެ އެދޭ ކަންތަކަށް މަގު ފަހި ކުރުމުގެ ގޮތުންނެވެ. އެރޭ ދެކުދިން ވަކިވެގެން ދިޔައިރު ފަޒާލް، ލަޔާ ލައްވައި ވަޢުދު ކުރުވީ ދެން ދުވަހަކުވެސް ލަޔާ މީގެ ދުވަސްގަނޑެއް ކުރިން ކަންތައް ކުރި ގޮތް ތަކުރާރު ނުކުރުމަށެވެ. އެކަމަށްއެއްބަސްވެ، ޝަހުމްއަށް އެހީވުމަށް މަސައްކައްފެށީ ކަމުގައިބުނެ، ފަޒާލްގެ ހިތްހަމަ ޖައްސައިދިނުމަށްފަހު ލަޔާ ނިދަން އޮށޯތްއިރު އެރޭގެ އެއްގަޑިބައިވަނީއެވެ.
……………………………………………………………………………………..
މިއަދު ވެހެމުން އަންނަ ބޯ ވާރޭގެ ސަބަބުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ތެރެއަށްވެސް މީހުން ފެނާއިއެކު ވަންނަމުންދާތީ ތަޅުމުގައި ޖަހާފައިވާ މުށިތައް ހުރީ ކައްސާ ގޮތްވެފައެވެ. އަދި އެތަނުގައި “ކޯޝަން” ޖަހާފައި ބަލައިގެން ހިނގުމަށްބުނެ ބޯޑެއް ބަހައްޓާފައި ހުއްޓެވެ. ނަމަވެސް މި ބޯޑް ބައެއް މީހުނަކަށް ނުފެނެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލީގެ ޚާއްޞަ ޑޮކްޓަރ، ލައިޝާ ވެސް ހިމެނުނެވެ.
ހޮސްޕިޓަލުގެ ތެރެއިން ވަދެގެން އައި ލައިޝާ ފައި ކައްސާލައިގެން އަރިއަޅައިލައިގެން ވެއްޓެން ދިޔައެވެ.
“އޯހް….” ވެއްޓެނީކަމުގައި ހީކުރެވި ބިރުން ދެލޯމަރައިލި ލައިޝާއަށް ފިރިހެންވަންތަ އަޑެއް އިވިގެން ދިޔައެވެ. އަދި އޭނާއަށް އެއްވެސް ތަދެއް ނުވާތީއާއިއެކު އެއްލޯ ހުޅުވައި ބަލައިލިއިރު އޭނާ އޮތީ ނުދަންނަ ޒުވާނެއްގެ އަތުތެރޭގައެވެ.
“ކިހިނެއްތަ ތި ހެދީ؟ ފައި އޮޅުނީތަ؟ ” ލައިޝާ ލޯ ހުޅުވާލިތަން ފެނިގެން އޭނާ ސުވާލު ކޮށްލީ ލާނެތް ހިނިތުން ވުމަކާއިއެކީގައެވެ.
ލިބުނު ސިހުމާއި ގަތް ލަދުން ލައިޝާ އަވަހަށް އެމީހަކާއި ދުރަށް ޖެހިލައި އަވަސް އަވަހަށް އެތެރެއަށް ވަންނަން ދިޔައެވެ. އޭރު އޭނާއާއި އެއް ޝިފްޓެއްގައި މަސައްކަތް ކުރަމުން އަންނަ ދެތިން ނަރުހުންވެސް އެމަންޒަރުފެނި، ހެވިފައި ތިބެގެން އެ ދިމާލަށް އާދެއެވެ.
“ޑޮކްޓަރ ނިހާލްތަ އެއީ؟” އެތަނުން އެކަކު އެމީހުނަށް ދެންމެ ފެނުން ޒުވާން ފިރިހެން މީހާއަކީ އެތަނުގައި މީގެ ތިންއަހަރު ކުރިން އުޅުނު ޑޮކްޓަރަކާއި ވައްތަރުވެގެން ބުނެލިއެވެ.
” ސްޕެޝަލައިޒްވެގެން އައީ ދޯ! އަހަރެންވެސް އަޑު އެހިން އެއީ މިހާރު ކާޑިއޮލޮޖިސްޓެކޭ ބުނާތީ.އެއީ ހަމަ އޭނާ. އަންނަ ޚަބަރު އިއްޔެ ދެކެވުނު ކައުންޓަރުގަ…”އެތަނުން ތަންކޮޅެއް ޅަކޮށް ހުރި ނަރުަހަކު އަނެކަކު ބުނިއެއްޗަކާއި އެއްބައިވެލިއެވެ.
“އަނެއްކާ ކާކުގެ ހިތެއްބާ މިފަހަރު ހަލާކު ވާނީ؟ އަންހެން ކުދިން އެވަރަށް ‘މަށަށް މަށަށް’ ގޮވާއިރުވެސް އޭނާ އެތަނުން ކުއްޖަކާއި ދިމާލަށް ބަލައިވެސް ނުލައެއްނު…ނޭނގެ…އެކަމަކު ދެންމެ އެ ފެނުނީ މިތަނުގައި އުޅޭ އެންމެ ރީތި އަންހެން ކުއްޖާ އޭނާގެ އަތުތެރެއަށް ލައިގެން ހުއްޓާ ވިއްޔަ.” ކުރިން ވާހަކަ ދެއްކި ނަރުސް އަނެއްކާވެސް ނިހާލްއާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުންދިޔައެވެ. ދެންތިބި ކުދިން އެއްޗެކޭ ނުބުނެ އެދެމީހުންގެ ވާހަކަ އަޑު އަހަމުން ދިޔައެވެ. އެއީ އެތަނަށް އަލަށް ވަދެގެން އުޅޭ ކުދިންނަށް ވެފައި، އެތަނުގެ ކުރީގެ އެއްވެސް ކަމެއްގެ ވާހަކަ މިކުދިންނަށް ނޭނގޭތީއާއި އެކުވެސްމެއެވެ.
ވާހަކައިގައި ތިބެގެން ކުދިން ވަދެގެން އައި އިރު ނިހާލް ހުރީ އެތަނުގެ އެމް.ޑީ ކައިރީގައެވެ.
“ޝިނާ! ދިމް! ދެން ހާދަ ފޮންޏޭ ދޯ މިހާރު…އަހަރެމެން ފެނުނީމަ އަޅައިވެސް ނުލައި ތި ތިބެގެން ދަނީ…” އެހިސާބަށް އެރި ނަރުހުންތައް ފެނިގެން އެތަނުން ނިހާލްއަށް ދަންނަ ކުދިންނަށް ގޮވައި ވާހަކަ ދައްކަންފެށިއެވެ. އޭރު ލައިޝާ ޑިޔުޓީ ފެށުމުން އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ނިހާލްމެނަށް ތިބެވުނީ އެ ކޮޓަރީގެ ކައިރީގައެވެ.
“އިނގޭތަ ޝިނާ؟ މިހާރު އުޅޭ ޑޮކްޓަރުންވެސް އެބަޖެހޭ ތަންކޮޅެއް ބަލައިގެން އުޅެން…އެހެން ނޫނީ ފެންނާނީ އެމީހުން އެނދުމަތި ކުރާތަން . ދޯ” ލައިޝާ އެމީހުނާއި އަރާ ހަމަވުމުން ނިހާލް އެހެންބުނީ ގަސްތުގައި ލައިޝާ ލަދު ގަންނުވާލުމަށެވެ.އެއާއިއެކު އޭނާގެ ކައިރީގައި ތިބި ކުދިންވެސް ހާދަ ލާނެތޭ ބުނެ، ނިހާލް ގެ އެނބުރި އައުން އެމީހުނަށް ވަރަށް އުފާވެރިއޭ ކިޔައި، މަޑުކޮށްލާފައި އެމީހެއްގެ މަސައްކަތަކައިގެން އެމީހަކު އުޅެންފެށިއެވެ.
މިއަދު އެދެމީހުންގެ އެންމެ ފުރަތަމަ ބައްދަލުވުމުންވެސް ލައިޝާގެ ފަރާތުން ފެނުނު ލަދުރަކި ހިނިތުންވުން ނިހާލްއަށް ވަރަށް ކަމުދިޔައެވެ. އަދި ހީނުކޮށް ހުއްޓައި ލައިޝާ ދާދި ދެންމެއަކު އެ ވަތް ކޮޓަރީގެ ދޮރުގައި ލިޔެފައިވާ ނަމުގެ ސަބަބުން ލައިޝާއާއި ބެހޭގޮތުން އޭނާ ހޯދަންބޭނުންވާ އެއްޗެހި އެނގުމަށް ފަސޭހަވިއެވެ. މަޢުނަވީ ހިނިތުންވުމެއް އޭނާގެ ފިޔާތޮށި ކުލައި ދެތުންފަތަށްވެރިވިއެވެ.
“ޑޮކްޓަރ ލައިޝާ!…އާހް!.. ވަރަށް ރީތި” ނިހާލް މަޑު މަޑުން އެނަން ކިޔައިލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


އާހް…ހެހެހެހެ..ސަޅި
yeah sure aah v v perfect